ވެރި ރަށް މާލޭގައި ވަޅިން ބިރު ދައްކައިގެން ރަހީނު ކުރި އަންހެން މީހާ ސަލާމަތްކުރުމުގެ ތެރޭގައި، ރަހީނު ކުރި ފިރިހެންމީހާ ގެންގުޅުނު ވަޅިން  ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ރަހީނު ކުރުމުގެ ހާދިސާ ހިނގައިދިޔައީ ދެ ލޯބިވެރިންގެ މެދުގައި ހިނގާ ދިޔަ ހޫނު ޒުވާބަކަށް ފަހުގައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުންގެ ޓީމެއް ހަރަކާތްތެރިވިއެވެ.

ކަރުގައި ވަޅި ޖައްސައިގެން ހުރެ އިންޒާރުދެމުން ދަނިިކޮށް ފުލުހުން އޭނާ ހުއްޓުވާފައިވަނީ މުގުރަކުން، އޭނާގެ ފުރަގަހުން ހަމަލާ ދިނުމަށް ފަހުގައެވެ.

ފުލުހުން ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެއްދިތާ 20 އަހަރު ފުރުން މިއަދު ފާހަގަކުރަން އިސްކަންދަރުކޮށީގައި ބޭއްވި ހާއްސަ ޖަލްސާގައި ސީޕީ ޝުޖާއު ވިދާޅުވީ ފާއިތުވެދިޔަ 20 އަހަރުތެރޭ ކުށްކުރާ ފަރާތްތަކުގެ މިލްކަކަށް ރާއްޖޭގެ ފަސްގަނޑުވިޔަ ނުދިނުމަށް ފުލުހުންގެ ލެޔާ ފުރާނައިން އަގު ދައްކާފައިވާކަން ދިވެހި ރައްޔިތުން ހެކިވާނެ ކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ވަޅި ޖައްސައިގެން އަންހެނަކު މަރާލާނެ ކަމުގެ ބިރު ދައްކަމުންދިޔަ ފިރިހެން މީހާގެ ކިބައިން އެ އަންހެން މީހާ ސަލާމަތްކުރެވުނީ ވެސް އެތަނުގައި ހަރަކާތްތެރިވި ފުލުހަކަށް އަނިޔާ ލިބިގެން ކަމަށް ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

ސީޕީ ވިދާޅުވީ ފުލުހުންނަކީ އެ މީހުން ކުރާ މަސައްކަތުގައި ނުރައްކާ އޮތް ބައެއްކަން ފުލުހުންނާއި ފުލުހުންގެ އާއިލާތައް ގަބޫލުކުރާ ކަމަށެވެ.

ނަމަވެސްވކޮންމެ ފުލުހަކު ވެސް ބަލަނީ އެ މީހުން ކުރާ މަސައްކަތުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށާއއެ މަސައްކަތަށް ފާޑުކިޔުމާއި ތައުރީފު ކުރުމަކީ ފުލުހުން ހިދުމަތުގެ ބައެއްކަން ވެސް ގަބޫލުކުރާ ކަމަށް ސީޕީ ވިދާޅުވިއެވެ.