ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރަކުން ޖެހި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު އެކްސިޑެންޓަށްފަހު ފިލި ކަމަށް ތުހުމަތު ކުރެވޭ މީހާ ކޯޓު އަމުރެއްގެ ދަށުން އަނެއްކާ ވެސް ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ މ. ލޭންޑް އޮފް ގާޑަން، އިބްރާހީމް އިކްރާމްގެ އިތުރުން ހ. ނޫރަންމާގެއާގެ އިކްރާމުއްރަހްމާން އަދި ގއ. ކަނޑުހުޅުދޫ، އާޒާދުގޭ، ޖިނާހް އިސްމާއީލްއެވެ.

ހައިކޯޓުން އިއްޔެ އިކްރާމް މިނިވަން ކުރީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކުރީ އެކަން ކުރަން އޮންނަ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބަލާފައެވެ.

މިކަމާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ހައިކޯޓުން ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.

މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހި ވިނަރެސް ފްލެޓްތައް ކައިރީގައެވެ. މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެ ވަގުތު އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.