ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓް ދަށްވީ ފައިސާ ޗާފުކޮށް ހަރަދުތައް ނުކަތާވަރުވީމާ ކަމަށާއި އެކަމާ މި ސަރުކާރާ ގުޅުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފިޗުގެ ރޭޓިން ”ސީސީސީ ޕްލަސް“ އިން ”ސީސީ“ އަށް ދަށްކުރުމާ ގުޅޭގޮތުން ސައީދު ވިދާޅުވީ ފިޗުގެ ރޭޓިން ދަށްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ.

”މި ސަރުކާރުގެ ވާހަކައެއް ނޫނޭ ފިޗުން ބުނަނީ. ފިޗުން ބުނަނީ ނުކަތާ ވަރަށް ފައިސާ ޗާފުކޮށްފައި ހުރި ވާހަކައާއި ނުކަތާ ވަރަށް ދައުލަތުގެ ހަރަދުތައް ބޮޑުކޮށްފައި ހުރި ވާހަކައާ އެކްސްޕެންޑީޗާ ރެޝަނަލައިޒް ނުކުރާ ވާހަކައާ އާމްދަނީ އިތުރުކުރުމުގައި މިއޮއް ހުރިހާ ޒަމާނެއް ވީއިރުގައި އިތުރު ގޮތްތަކެއް ހޯދާފައި ނެތް ވާހަކަތައް ފިޗުން ބުނަނީ“

މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންފަހުން އަހަރެއް ވެފައިނުވާއިރު އެމަނިކުފާނަށް ޖެހިވަޑައިގަންނަވަނީ ވާރުތަވި ބޮޑު މައްސަލައެއް ހައްލު ކުރައްވަން ކަމަށް ސައީދު ވިދާޅުވިއެވެ.

އަދި ވެރިކަމަށް ވަޑައިގެންނެވީ އެކަަންކަން އެނގިވަޑައިގެން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ހާލަތަށް ބަލައި މިދިޔަ ޖޫން މަހު ފިޗް އިން ރާއްޖޭގެ ރޭޓިން ”ސީސީސީ ޕްލަސް“ އަށް ދަށްކުރިއެވެ.

އޭގެ ކުރިން، ރާއްޖެ އަށް ސީސީސީ ރޭޓިން އެއް ދީފައިވަނީ ކޮވިޑުގެ ދުވަސްވަރުއެވެ. ކޮވިޑުގެ ކުރީގެ ތިން އަހަރު ވެސް ރާއްޖެ އަށް ދީފައި ވަނީ ”ބީ މައިނަސް“އެވެ.