ހުޅުމާލޭގައި ބާރަށް ދުއްވި ސްޕޯޓްސް ކާރެއްގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ޒުވާނަކު ނިޔާވެފައިވަނިކޮށް، ހުޅުމާލޭގައި ރޭސިން އާއި ޑްރިފްޓިން ވަގުތުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

އެމަނިކުފާނު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވާއިދާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް އާއްމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި ބައެއް ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ވާނީ އަންގަވައިފަައި ކަމަށެވެ.

މި ފިޔަވަޅުތައް އެޅެމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓަރ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލް ކުރުމަށާއި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސް އާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ވެސް ރައީސް ވަނީ އަންގަވާފައެވެ.

މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއިއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި ބާރު ސްޕީޑްގައި ވެހިކަލް ދުއްވާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވައިދުތައް އިސްލާހު ކުރުމަށް ވެސް ރައީސް މުއިއްޒު ވަނީ އަންގަވާފައެވެ.

އަދި ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގަވައިދުތައް އިސްލާހު ކުރުމަށާއި އެއްގަމު އުޅަނދުތަކުގެ ސައިލަންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ގާނޫނާއި ގަވައިދުތައް އިސްލާހު ކުރުމަށް ވެސް އެމަނިކުފާނު އަންގަވައިފައިވެއެވެ.

ހުޅުމާލޭ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ފުލުހުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުމަށާއި އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތައް ހުޅުމާލޭގެ 150 ސަރަހައްދުގައި ސްޕީޑްބްރޭކަރ ހަރުކުރުމަށާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އަދި ގްރެޖްއޭޓިން ލައިސަންސް ސިސްޓަމެއް ތައާރަފްކުރުމާއި ގަވައިދާއި ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސުން ޕޮއިންޓް ކަނޑަށް ފެށުމަށް ވެސް ރައީސް މިއަދު ވަނީ ނިންމަވައިފައެވެ.
މީގެ އިތުރުން މަގުމަތީގެ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒުކުރުމަށް ފުލުހުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރަށް ހަރުދަނާ ކުރުމަށް ވެސް ރައީސް މުއިއްޒު މިއަދު އަންގަވައިފައިވެއެވެ.
މިފަދަ ކަންކަން ތަންފީޒު ކުރަން ރައީީސް އެންގެވިއިރު، ރޭ ހުޅުމާލެ، ސެންޓްރަލް ޕާކު ކައިރީގައި ބާރަށް ދުއްވާފައި ދިޔަ ރޭސް ކާރަކުން ޖެހި އުމުރުން 23 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.