މިދިޔަ ޖުލައިމަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތުހުމަތުވާ މީހުންގެ ތެރެއިން ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރު ކުރި މީހާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

މިދިޔަ ޖުލައިމަހުގެ 31 ވިނަރެސް ފްލެޓްތައް ހުންނަ ސަރަހައްދުގައި ހިނގި މި އެކްސިޑެންޓާ ގުޅިގެން ތިން މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.

އޭގެ ތެރެއިން އެކްސިޑެންޓްވުމުން ފިލިކަމަށް ތުހުމަތުކުރެވޭ މ. ލޭންޑް އޮފް ގާރޑްން، އިބްރާހީމް އިކްރާމް ހައިކޯޓުން ދޫކޮށްލުމުން، ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރުކޮށްފައިވަނީ މިމަހުގެ ދެ ވަނަ ދުވަހުއެވެ.

އޭނާގެ ބަންދަށް ފުރަތަމަ ކޯޓުން ޖަހައިދިނީ 3 ދުވަހުގެ މުއްދަތެކެވެ.

އަދި އެ މުއްދަތު ހަމަވުމުން އަލުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިތުރު 30 ދުވަހަށް ބަންދުކުރުމަށް ޣާޒީ އަމުރުކުރައްވާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ކޮންޓްރޯލްނުވެ ގޮސް ޖެހިފައިވަނީ މަގުމަތީގައި މަޑުކޮށްލައިގެން ހުރި މީހަކު އިން ސައިކަލެއްގައެވެ. އެ އެކްސިޑެންޓުގައި ސައިކަލުގައި އިން މީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބުނެވެ.