ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ މަގާމުތަކަށް ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަވައި ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 2،095 މެންބަރުން މި އިންތިހާބުގައި ޕާޓީގެ އެކިއެކި މަގާމުތަކަށް އައްޔަން ކުރާނެ ކަމަށެވެ.
މިގޮތުން މި އިންތިހާބުގައި ދާއިރާގެ ރައީސުންނާއި، ދާއިރާގެ ނައިބު ރައީސުންނާއި، ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި، އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި، ސްޓިއަރިންގް ކޮމިޓީތަކުގެ މެންބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހުގެ ހަވީރު 18:00 އެވެ.
މި މުއްދަތުގައި ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުރި ކޮންމެ މީހަކަށްވެސް މަގާމުތަކަށް ކުރިމަތިލެވޭނެއެވެ. އަދި އިންތިހާބުގައި ވޯޓުލެވޭނީވެސް އެ ދުވަހުގެ ނިޔަލަށް ޕާޓީ ދަފްތަރުގައި ތިބި މެންބަރުންނަށެވެ.
މި އިންތިހާބުގައި ދާއިރާތައް ކަނޑައެޅިފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގައި ކަނޑައެޅިފައި އޮންނަ ކޮންމެ ދާއިރާއަކަށް ރައީސް އަކާއި ނައިބު ރައީސް އެކެވެ.
އަދި ސްޓިއަރިންގ ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރެވޭއިރު އާބާދީގައި 3،000 ހަމަނުވާ ރަށްރަށުގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އިންތިހާބު ކުރެވޭނެއެވެ.
މިއީ ރާއްޖޭގައި ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އިންތިހާބަށް ވެގެންދާނެ ކަމަށް ޕީއެންސީން ބުނެއެވެ.

