ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް ތައްޔާރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނީ ކްރެޑިޓް ރޭޓިން އެޖެންސީއެއްކަމަށްވާ މޫޑީސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގ ބަދަލުކުރުމާއި ގުޅިގެނެވެ.

މޫޑިސްއިން ވްނީ ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓީންގ ސީއޭއޭ1 އިން ސީއޭއޭ2 އަށް ބަދަލު ކޮށްފައެވެ.

ރޭޓިން ބަދަލުކުރި މައިގަނޑު ސަބަބެއްކަމަށް ބުނެފައިވަނީ ބޭރުގެ ފައިސާގެ ދަތިކަމާއި ތަކެތީގެ އަގު އުފުލުމާއި، ޚަރަދުތައް ފޫބެއްދުމަށް ހުރި ދަތިތަކެވެ.

މިކަމާ ގުޅިގެން ފިނޭންސުން ބުނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ތައްޔާރުވަމުންދަނީ ފިޔަވަޅުތައް ތަންފީޒުކުރުމަށްކަމަށާއި މި މަސައްކަތުގައި
ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ އެއްބާރުލުމާއި ފަންނީ އެހީތެރިކަންވެސް ލިބެމުންދާކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބަބުން ދައުލަތަށް ކުރިމަތިވެފައިވާ މާލީ ބުރައަށް ލުޔެއް ހޯދުމަށް، ކުންފުނިތައް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރަމުންދާކަމަށެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތް މިހާރުވެސް ފެށިފައިވާ ކަމަށާއި، އެކަންކަމުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.