އިންޑިއާގެ ބެންގަލޫރުގެ އެސްޓަ ސީއެމްއައި ހޮސްޕިޓަލުން ފަރުވާ ހޯދަމުންދިޔަ ދިވެހި ބަލިމީހަކަށް އެކި ސްކީމްތަކުން ގާތްގަނޑަކަށް 1.5 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަމަޖައްސައިދީފައިވާ ކަމަށް އާސަންދައިން ހާމަކޮށްފިއެވެ.

އާސަންދައިން މިހެން ބުނީ އެ ކުންފުނީގެ ދަށުން އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ އެއްކޮށް ކަނޑާލާ އާއިލާއެއް ހާލުގައި ޖެއްސި ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދަނީ ވާހަކަތަކެއް ދައުރު ކުރުމުންނެވެ.
އާސަންދަ އިން ބުނީ ދައުރުވަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެ ކުންފުނިން ބުނީ އުމުރުން 65 އަހަރުގެ އެ މީހާއަކީ އެއާ އެމްބިއުލާންސް މެދުވެރިކޮށް ސައުދީ އަރަބިއްޔާގެ ޖިއްދާއިން ޒަކާތު ފަންޑުގެ އެހީގައި އިންޑިއާއަށް ގެންދިޔަ މީހެއް ކަމަށެވެ.

އޭނާއަށް ފަރުވާދެމުން ދަނީ ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕެތީއަށެވެ. އިންޓެންސިވް ރިހެބިލިޓޭޝަން (ފިޒިކަލް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ސްވޮލޯވިން ތެރަޕީ އަދި ހައިޕަބަރިކް އޮކްސިޖަން ތެރަޕީ) އަށް އެޑްމިޓް ކުރުމަށް އެސްޓަ ސީއެމްއައިއިން އާސަންދައަށް ރިކުއެސްޓް ފޮނުވާފައި ވަނީ މިދިޔަ މާޗު މަހުގެ 14 ވަނަ ދުވަހުއެވެ.

ބަލިމީހާގެ ހާލަތު ފުރިހަމައަށް އިވެލުއޭޓް ކުރުމަށްފަހު، މިދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ހޭދަވީ މުއްދަތުގައި ހޮސްޕިޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލުތަކަށް އެޕްރޫވަލް ދީފައިވާ ކަމަށް އާސަންދައިން ބުންޏެވެ.

”ގާތްގަނޑަކަށް 5 މަސް ދުވަހުގެ މުއްދަތަށްފަހު، ބަލިމީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއަ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެންޓިލޭޓަ ސަޕޯޓާ އެކު ބަލިމީހާ އަނބުރާ ގެނައުމަށް 14 އޮގަސްޓު 2024 ގައި އާއިލާ އާއެކު ވަނީ ވާހަކަ ދެކެވިފައެވެ،“ އާސަންދައިގެ ބަޔާނުގައިވެއެވެ.

 

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހޮސްޕިޓަލުގެ ފަރުވާއަށް ހިނގާފައިވާ ހަރަދުތަކުގެ ބިލަށް ޖުމްލަ 89،339.91 އެމެރިކާ ޑޮލަރު އަރާފައިވާ ކަމަށް އާސަންދައިން ބުންޏެވެ. އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ޗާޖްތައް އުނިކުރުމަށްފަހު އާސަންދައިން ވަނީ 85،989.15 ޑޮލަރު ބަލި މީހާގެ ބިލުން ހަމަޖައްސައިދިނުމަށް އެޕްރޫވްކޮށްފައެވެ.

އާސަންދައިން އިތުރަށް ބުނީ ރާއްޖޭގައި އަލްޓަނޭޓިވް ރިހެބިލިޓޭޝަން އޮޕްޝަންތައް ހުރި ކަމަށާއި ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ކަމެއްކަން އާއިލާއަށް ކިޔައިދީފައިވާނެ ކަމަށެވެ.

ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފަރުވާ ޕްލޭނަކާ އެކު ތިން ދުވަހުގެ ތެރޭގައި ބަލިމީހާ އަނބުރާ ރާއްޖެއަށް ބަދަލު ކުރުމާ ގުޅޭގޮތުން އާއިލާ އާ ވާހަކަ ދައްކާފައިވާ ކަމަށްވެސް އާސަންދައިގެ ބަޔާނުގައި ބުންޏެވެ.