ބާޒާރުގައި ފިޔާ ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމަށް އަންނަ ހަފްތާއިން ފެށިގެން ހައްލެއް އަންނާނެކަމަށް އުއްމީދު ކުރެވޭ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ނޫސްވެރިންނާ ބައްދަލުލުރައްވައި ހީނާ ވިދާޅުވީ ފިޔާ ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހީނާ ވިދާޅުވީ، ބާޒާރުގައި މިވަގުތު ފިޔާގެ ދަތިކަން ހުރިކަން ފާހަގަވެފައިވާކަމަށާއި، އެކަމުގެ ސަބަބުން އަގުވެސް އުފުލިފައިވާކަމަށެވެ.
އެސްޓީއޯއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އެކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގެ ހޮނިހިރު ނުވަތަ އާދިއްތަ ހިސާބުގައި އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އިތުރަށް ފިޔާ ގެނައުމުގެ މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އެއާއެކީގައި މިހާރު ދިމާވެގެން މިއުޅޭ އިޝޫއަށް ހައްލު ލިބިގެންދާނެކަމަށް އުންމީދު މިކުރެވިގެންދަނީ“. އޭނާ ވިދާޅުވިއެވެ.
ފިޔާ ލިބުމުގައި ދަތިކަން ކުރިމަތިވި އެއް ސަބަބަކީ، އިންޑިއާއަށް މޫސުން ގޯސްވެ، ފިޔާ ދަނޑުތަކަށް ގެއްލުން ލިބުމާއި، ފިޔާ އެކްސްޕޯޓު ކުރުމުގައި ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުންނެވެ.

