ސަރުކާރުގެ ފަރާތުން ހުށަހެޅި ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިސްމާއިލް ނިޒާރެވެ.

ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ، މަޖިލިހުގެ ދައުރުން ބޭރުގައި ބޭއްވި ފުރަތަމަ ހާއްސަ ޖަލްސާގައެވެ. އެ ޖަލްސާގައި ވަނީ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފައެވެ.

ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 85 މެމްބަރުންގެ އިއްތިފާގުން ބިލު މަޖިލިހުން ވަނީ ފާސްކޮށްފައެވެ.

ކުންފުނީގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ހިއްސާދާރުންގެ ހާއްސަ އާންމު ޖަލްސާއަކަށް ނޯޓިސް ފޮނުވަން އެކަމަށް އެދި ހުށަހަޅާތާ 21 ދުވަސް ތެރޭގައެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށެވެ.

އަދި ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހެނީ 14 ދުވަސް ކުރިންކަމަށް މިހާރު އޮތް ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ އާ އިސްލާހުގައި ވަނީ އެ މުއްދަތު ވެސް ހަތް ދުވަހަށް ކުރު ކުރުމަށް ހުށަހަޅާފައެވެ.

މީގެ އިތުރުން، ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް 30 ދުވަސް ތެރޭގައި މީހުން އައްޔަން ކުރަން އެންގުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ދީފައިވާ ބާރު 10 ދުވަހަށް ކުރުކުރުމަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވެއެވެ.