ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ހ.ޔެލޯރޯޒް، ޖަސްޓިސް (ރިޓަޔަރޑް) އައްބާސް ޝަރީފު މިއަދު އައްޔަންކުރައްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އައްބާސް ޝަރީފު އައްޔަން ކުރައްވާފައިވަނީ ގާނޫނު އަސާސީގެ 221 ވަނަ މާއްދާ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ.
އައްބާސް އެންމެފަހުން އަދާކުރައްވަމުން ގެންދެވި މަގާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒް މަގާމާއި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސަރވިސް އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރުކަން ހިމެނެއެވެ.
އޭގެ ކުރިން އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުގެ މަގާމާއި އަދި ގާނޫނީ ދާއިރާގެ އެކިއެކި މަގާމުތައް ހިމެނެއެވެ.
އައްބާސް ޝަރީފު ވަނީ އޮސްޓްރޭލިއާގެ ޓަސްމޭނިއާ އިން ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އައްޔަންކުރެއްވި އައްބާސްއަށް މަގާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންއެވެ.

