ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މަގާމުގައި ހުރި ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަނަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާގައި ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މީގެ ކުރިން ވަނީ އެފްއޭއެމްއަށް ލިބެންޖެހޭ 10،000 ޑޮލަރު ބައްސާމުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރި މައްސަލައިގައިވެސް އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފ އެވެ.

އެފްއޭއެމްގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތައް ތަހުގީގުކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ބައްސާމް ދެ އެޕާޓްމަންޓް ގަނެފައިވަނީ އަމީން އެވެނިއު އިން ކަމަށެވެ.
އެޕާޓްމަންޓްމަންޓް ގަންނަން ހޭދަކުރި ފައިސާ އަކީ ކޮވިޑްގެ ދުވަސްވަރު ފީފާ އިން ރާއްޖެއަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ކަމަށް ވެސް ފުލުހުން ބުންޏެވެ. ފީފާ އިން ދިން ފައިސާ އަކީ ރާއްޖޭގެ ކްލަބުތަކަށް ލޯނު އެހީގެ ގޮތުގައި ދިން ފައިސާއެވެ.

މިމައްސަލައިގައި ބައްސާމުގެ އިތުރުން އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އާއި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީގައި އެދިފައެވެ.

ފުލުހުން ބުނީ އެފްއޭއެމްގެ ފައިސާ އިން އެޕާޓްމަންޓް ގަތުމަށްފަހު އެ ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައިވާތީ އެއީ މަނީ ލޯންޑާކުރުމުގެ އަމަލުތަކެއް ހިންގުމަށް ކޮށްފައިވާ ކަމެއް ކަމަށް ތަހުގީގަށް ފާހަގަވާ ކަމަށެވެ.

 އެޕާޓްމަންޓް ގަތުމަށް ބައްސާމު ފައިސާ ބޭނުންކުރީ އެ އިދާރާއަށް ފީފާ އިން ފޮނުވި ޑޮލަރު މާރުކޮށްގެން އެފްއޭއެމްއަށް ލިބެންޖެހޭ ފައިސާ އެ އެކައުންޓަށް ނުލައި ބައްސާމު އެ ފައިސާ ބޭނުންކޮށްގެންނެވެ.

އެޕާޓްމަންޓް ގަތުމަށް ބައްސާމް، އަމީން ކޮންސްޓްރަކްޝަނަށް ދިން ފައިސާއަކީ ޑޮލަރު ގަތުމަށް ދިން ފައިސާ ކަމަށް ހެދުމަށްޓަކައި އެ ކުންފުނިން އެފްއޭއެމްއަށް ރުފިޔާ އިން ފައިސާ ދެއްކިކަން ދެއްކުމަށްޓަކައި ލިޔެކިޔުންތަކެއް ތައްޔާރުކޮށްފައިވާ ކަމަށްވެސް ފުލުހުން ތުހުމަތު ކުރެއެވެ.

މި ހިޔާނާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވާނެ ކަމަަށްވެސް ފުލުހުން ބުންޏެވެ.