ރަސްމާލެ މަޝްރޫއުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދުފުޅެއް ކަމަށާއި އެ މަޝްރޫއު ހަގީގަތަކަށް ހައްދަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ އިއްޔެ ރައީީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސްގެ އެންމެ މުހިންމު އެއް ވައުދުފުޅަކީ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުންކަން ފާހަގަ ކުރައްވާ، ރަސްމާލެ މަޝްރޫއު މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމުގައި ހީނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްވެގެން އައިއިރު، އެ މަޖިލީހުގައި އޮތީ އެމް.ޑީ.ޕީ.ގެ ސުޕަރ މެޖޯރިޓީއެއް ކަމަށާއި އެ މަޖިލީހުން ކުރެއްވި އެންމެ ދަތިވި އެއް ކަމަކީ އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެހެން ބަޖެޓް ފާސްކުރުން ކަމުގައި ހީނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އަމާޒުކޮށް ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30 ހާސް ހައުސިންގ ޔުނިޓް އަޅާނެކަމަށް ރައީީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

