ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމަށް ދިން ވަގުތު ޔޫތު މިނިސްޓްރީން އިތުރުކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑި 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އިތުރުކުރެވިފައިވާ ކަމަށެވެ.
ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވާއިރު، އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ޔޫތު މިނިސްޓްރީން ބުނީ، ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާނެކަމަށާއި، މިއީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށެވެ.
އެހެންކަމުން، މ އިނާމަށް ނަން ހުށަހެޅުއްވުމަށް ޝަރުތުހަމަވާ ފަރާތްތަކުން، ގޫގުލް ލިންކް https://forms.gle/nL5K5ZRqWNc6dy9z9 މެދުވެރިކޮށް ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް (ސޯޝަލް ސެންޓަރ) އަށް އެޕްލިކޭޝަން ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
ޔޫތު މިނިސްޓްރީން ބުނީ، އެ މިނިސްޓްރީގެ ވެބްސައިޓްއިންވެސް ފޯމް ލިބެން ހުންނާނެ ކަމަށާއި، އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 14:00 އަށް ކަމަށެވެ.
ރަށްރަށުން އެޕްލިކޭޝަން ހުށަހަޅުއްވާފަރާތްތަކުން މިނިސްޓްރީގެ މެއިލް info@youth.gov.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދޭ ކަމަށް ވެސް ބުނެފައިވެއެވެ.

