ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ އިންޓަރނޭޝަނަލް ބަންކަރިންގެ ހިދުމަތް ފަށައިފިއެވެ.

އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ހިމެނޭ ގޮތަށް މެރިޓައިމް ހިދުމަތް އިފްތިތާހުކޮށް ދެއްވީ ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހއ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިހުގެ ފަސް މެމްބަރުންނެވެ.

ބަންކަރިން ހިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތެވެ.

ރާއްޖެއަކީ ބޯޓު ފަހަރު ދަތުރު ކުރާ ސަރަހައްދަކަށްވުމާއެކު ތެޔޮ ވިއްކުމަކީ އިގްތިސާދަށް ހެޔޮ ބަދަލު އަންނާނެ ކަމެކެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަހަރަކު 400 މިލިއަން ޑޮލަރު ވަދެ، 10،000 ވަޒީފާ އުފެދިގެންދާނެ ކަމަށް ސަރުކާރުން ލަފާ ކުރައްވައެވެ.

ބަންކަރިން ހިދުމަތް ފެށުމަށް އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

މި ހިދުމަތް ދިނުމަށް އެސްޓީއޯއިން ވަނީ ދެ ބޯޓު ރާއްޖެ ގެނެސްފައެވެ. މިއީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ ބޯޓުތަކެއްކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ބަންކަރިން ހިދުމަތް ފެށުމުން އެކަމާ ގުޅުން ހުރި އެހެނިހެން ހިދުމަތްތައް އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް ގައި ދިނުމަށް ވަނީ ނިންމައިފައެވެ.

މި ހިދުމަތްތައް ބައިނަލްއަގްވާމީ މިންގަނޑުތަކާއި ރާއްޖޭގެ ގާނޫނާއި ގަވައިދުގެ ތެރެއިން ދިނުމަށް އެމްޕީއެލުން ވަނީ އުތުރު އައިއެސްޕީއެސް ގޭޓު ހއ. އުލިގަމުގައި ގާއިމުކޮށްފައެވެ.