ޖަޕާނުގެ މެދުތެރޭގެ ސަރަހައްދުތަކެއްގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ހަ މީހަކު މަރުވެ، 10 މީހުން ގެއްލިއްޖެއެވެ.

ޖަޕާނުގެ މެދުތެރޭގެ ދެ ސިޓީ ކަމުގައިވާ ވަޖިމާ އަދި ސުޒޫއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވީއިރު، މިދިޔަ ޖެނުއަރީ މަހުގައި އެ ސަރަހައްދަށް ބާރު ގަދަ ބިންހެލުމެއް ވެސް އައިސްފައިވެއެވެ. ފެންބޮޑުވުމުގެ ހާދިސާތަކުގައި ބަޔަކު މަރުވެ ދިޔައީ، ބިންހެލުމުން ލިބުނު ގެއްލުންތަކުން އަރައިނުގަނެވި އުޅެނިކޮށެވެ.

އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން މި ހަފްތާގެ ހޯމަ ދުވަހާ ހަމައަށް ކުރަމުންދާ ވިއްސާރައިގައި އާއްމުކޮށް އެ ސަރަހައްދަށް ސެޕްޓެމްބަރު މަހުގައު ވާރޭ ވެހޭ މިންވަރަށްވުރެ، ދެ ގުނަ އިތުރަށް ވާރޭ ވެހިފައިވެއެވެ.

ފެންބޮޑުވި ސަރަހައްދަށް ޖެނުއަރީ މަހުގައި އައިސްފައި ވަނީ 7.5 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެކެވެ. އެ ބިންހެލުމުގައި 236 މީހުން މަރުވިއެވެ.

މިފަހަރު ހިނގައިދިޔަ ފެންބޮޑުވުމުގެ ހާދިސާ އާއި ގުޅިގެން 40،000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.