މުޅި ރާއްޖެ ފެހި ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި މިފްކޯއިން ބައިވެރިވެއްޖެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން، އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ މާލެ އަތޮޅު ޕިކްނިކް އައިލެންޑް ކުޑަގިރިއަށް މިފްކޯގެ ސައިޓްތަކުން 500 ގަސް ވަނީ ހަދިޔާކޮށްފައެވެ.

މި ގަސްތައް ހަދިޔާކުރުމަށް މިއަދު މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ކުޑަގިރީގެ މެނޭޖުމެންޓާއެކު އެރަށުގައި ހަފްލާއެއް ބާއްވާފައެވެ.

މި ހަފްލާގައި އެކުންފުނިން ވަނީ ރައީސް މުއިއްޒުގެ ތިމާވެށީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފްކޮށް، އެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ފުޅާ ކުރާނެކަން އިއުލާން ކޮށްފައެވެ.

އަދި އެޗްޑީސީ އާއި ކުޑަގިރީގެ މެނޭޖުމެންޓުން މިކަމުގައި މިފްކޯއަށް ދިން އެހީތެރިކަމާއި އެއްބާރުލުން އެކުންފުނިން ފާހަގަކުރިއެވެ.

މި ހަފްލާގައި ކުޑަގިރިން ވަނީ މިފްކޯއަށް ޝުކުރު އަދާކޮށް، އެ ރަށް ފެހިކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތަފްސީލް ހިއްސާކޮށްފައެވެ.

އަދި ރަށް ފެހި ކުރުމުގައި އެޗްޑީސީގެ މެނޭޖުމެންޓުން ގެންގުޅޭ ހަރުދަނާ ޕްލޭންގެ ބައެއް މައުލޫމާތުތައްވެސް ހިއްސާކުރިއެވެ.

މިފްކޯއިން ކުޑަގިރިއަށް ހަދިޔާ ކުރި ގަސްތަކުގެ ތެރޭގައި ގިނަ އަދަދަކަށް ހިޔާވަހިކަން ލިބޭ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ހިރުނދާއި ދިއްގާގެ އިތުރުން ރުއް ހިމެނެއެވެ.