ތިން ރަށެއްގައި މުޅިން އަލަށް ގާއިމްކުރާ 30 ޓަނުގެ އައިސްޕްލާންޓާއި، 50 ޓަނުގެ އައިސް ސްޓޯރޭޖްގެ މަސައްކަތް ކުރުމަށް މިފްކޯ އާއި ފިޝަރީޒް މިނިސްޓްރީ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އައިސް ޕްލާންޓާއި، އައިސް ސްޓޯރޭޖު ގާއިމު ކުރާ ތިން ރަށަކީ ދ.މީދޫ، ދ.ބަނޑިދޫ އަދި ށ.ފުނަދޫއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނި ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ހަނީފެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލަރ އީނާޒް ނަސީރެވެ.
މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ 24 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

ކޮންމެ އައިސް ޕްލާންޓެއްގެ އަގަކީ 8 މިލިއަން ރުފިޔާއެވެ. މި މަޝްރޫއުގެ ދަށުން ގާއިމު ކުރާނީ ޓިއުބު އައިސް އުފައްދާ 3 އައިސް ޕްލާންޓު ކަމަށް މިފްކޯ އިން ބުނެއެވެ.
އަދި މި މަސައްކަތުގެ މުއްދަތަކީ 8 މަސް ދުވަހެވެ.

