މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުން ހައްލު ކުރުމަށް އެޅިދާނެ ބައެއް ފިޔަވަޅު އދގެ 79 ވަނަ އާއްމު މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ.

ރައީސް ހުށަހެޅުއްވީ އެޑަޕްޓޭޝަން ފައިނޭންސްގެ އިންތިޒާމުތައް ހަމަޖައްސައި، އެކަމަށް ބޭނުންވާ ފަންޑުތައް ހޯދުން ފަސޭހަކޮށް އެކަމަށް ހުރި ގޮންޖެހުންތައް ނައްތައިލުމަށެވެ.

އަދި އެ ފަންޑުތައް އޮޕަރޭޝަނަލައިޒް ކުރުމާއި، އެކަމުން އަރައިގަތުމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވިއެވެ.

ރައިސް މުއިއްޒު ވިދާޅުވީ، 1989 ވަނަ އަހަރު ރާއްޖޭން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ބެހޭ ގޮތުން ކުދި ގައުމުތަކުގެ ފުރަތަމަ ބައިނަލްއަގުވާމީ ކޮންފަރެންސް ބާއްވާފައިވާ ކަމަށެވެ.

އެ ކޮންފަރެންސުން ”މާލޭ ޑިކްލެރޭޝަން އޮން ގްލޯބަލް ވޯމިން އެންޑް ސީލެވެލް ރައިޒް“ އަކީ އެކަމުގެ ނުރައްކާލާމެދު ދުނިޔެ ހޭލުންތެރި ކުރުވި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީީސްގެ ތަގުރީރުގައި އެ ކޮންފަރެންސްގައި ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލިކަންވެސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުބް ރާއްޖެ ފަދަ ގައުމުތަކުން ތަރައްގީއަށް ކުރަމުންދާ މަސައްކަތް ނެތިގެންދާ ކަމަށާއި އިގްތިސާދަށް ވެސް ނުރައްކާވާ ކަމަށް ވިދާޅުވެފައެވެ.