ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން، ހުޅުމާލޭގެ ހަ ކެފޭއެއް ބަލައި ފާސްކޮށް 16 ބިދޭސީއަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިންގަމުންދާ ހަ ކެފޭ ހޮޓާ މިދިޔަ ދެ ދުވަހު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 16 ބިދޭސީއަކު އެ ތަންތަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ނަގަން ޖެހޭ ހުއްދަތައް ނުގައި ހިންގަމުންދިޔަ 3 ކެފޭއަކަށް ކަމާ ގުޅުން ހުރި ފަރާތްތަކުން ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާއިރު މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މި އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ އެއްވެސް ބިދޭސީއަކަށް ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި 4054 ބިދޭސީން ގަވާއިދާއި ހިލާފުވެގެން ފޮނުވާލާފައިވެއެވެ.