ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފިއެވެ.

ޕީއެންސީން ބުނީ ކުރިން އަންނަ މަހު 19ގައި ބޭއްވުމަށް ހަމަޖެއްސި އެތެރޭގެ އިންތިހާބު ނޮވެމްބަރަށް ފަސްކޮށްފައިވާ ކަމަށެވެ.

އަދި އިންތިހާބަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ހުރި ޕާޓީގެ މެންބަރުންނަށް އެކަމަށް އެދި ހުށަހެޅުމަށް ދީފައިވާ މުއްދަތު ވެސް އޮކްޓޫބަރު 24 އަށް އިތުރުކޮށްފައިވާ ކަމަށް ޕީއެންސީން ބުނެއެވެ.

އެ ޕާޓީން ބުނީ ދާއިރާތަކުގެ އިންތިހާބު ބާއްވާ ތާރީހާއި ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މަގާމުތަކަށް ޝައުގުވެރިވާ ގިނަ ފަރާތްތަކުން އެ ކަމަށް އެދެމުން ގެންދާތީ ކަމަށެވެ.

މި އިންތިހާބުގައި އިންތިހާބުކުރަން ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި ޒުވާނުން ހަރަކާތުގެ ރައީސް އާއި އަންހެނުން ހަރަކާތުގެ ރައީސްގެ އިތުރުން ސްޓިއަރިން ކޮމެޓީގެ މެމްބަރުން ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން މި މަހުގެ 19 ގެ ނިޔަލަށް ޕީއެންސީގައި ތިބީ 28،983 މެންބަރުންނެވެ.