ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދުގައި އިންވެސްޓުކުރުމަށް ނިއުޒިލެންޑްގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު އަރުވައިފިއެވެ.
ރައީސް މުއިއްޒު މިކަމުގެ ދައުވަތު ދެއްވީ އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބް، ހާރިޖީ ވަޒީރު އަދި މިނިސްޓާ އޮފް ރޭސިން ވިންސްޓަން ޕީޓަސްއާ ބައްދަލުކުރެއްވުމަށްފަހުއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ބޮޑުވަޒީރު ވަނީ ދެ ގައުމުގެ ދޭދޭ ފަރުދުންގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ވިޔަފާރި ހަރުދަނާކުރުން ފަދަ، ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ
އަދި ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަ ތަނުގެ އިސްތިރާޖީ ފައިދާގެ ބޭނުން ހިއްސާކުރުމާ މެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން އަންނަ އޮކްޓޯބަރު މަހު ސަމޯއާގައި ބާއްވަން ހަމަހިފައިވާ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ ބައްދަލުވުމަކީ ބައިނަލްއަގްވާމި ފެންވަރުގައި ދެ ފަރާތައް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެކުގައި މަސައްކަތްކުރަން އޮތް ފުރުސަތެއްކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

