ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ބިދޭސީ އަންހެނުންނާއި އެމީހުންގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ފިރިހެނަކު ހޯދައި، އޭގެ ތެރެއިން ތިން މީހަކު އިމިގްރޭޝަނުން ޑީޕޯޓުކޮށްލައިފިއެވެ.

އިމިގްރޭޝަނުން ބުނީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހަށިވިއްކާ މީހުން ހޯދުމަށް މިދިޔަ އޮގަސްޓާއި ސެޕްޓެމްބަރު މަހު ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންތަކުގައި ބިދޭސީ ފަސް އަންހެނުންނާއި އެ މީހުންގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ފިރިހެނެއް ހިމެނޭ ގޮތަށް ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭގެ ތެރެއިން ތިން މީހަކު މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށާއި، ބާކީ ތިބި ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން، ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ތިން އަންހެނުންނާއި އެ މީހުންގެ އެޖެންޓެއްގެ ގޮތުގައި އުޅުނު ފިރިހެނަކު މިދިޔަ އޮގަސްޓު މަހު ވެސް ޑީޕޯޓުކޮށްފައިވާކަން ފާހަގަކުރެވެއެވެ.