ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރަން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރި ކުރުމަކީ ވަރަށް ފައިދާ ހުރި މުހިންމު ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ދާއިރާ އަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ބައެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއެ) އިން ވަނީ ލާޒިމްކޮށްފައެވެ.
ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ޖާބިރު ވިދާޅުވީ، މި ނިންމުމުގެ ނަތީޖާ އަންނަ ފެބްރުއަރީ މަހުގައި ފެންނަން ފަށާނެ ކަމަށާއި، މިކަމުގެ ސަބަބުން ޑޮލަރުގެ ތާށިކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
”މިތަނަށް ލިބޭ އާމްދަނީ، މިތަނަށް ލިބުން ވަރަށް މުހިންމުވާނެ ނޫންތޯ؟ ތިބޭފުޅާގެ ފިހާރައަށް ލިބޭ އާމްދަނީ އެހެން ތަނަކަށް ލިބުނީމަ، ކޮންތާކަށް ވަންނާނީ“ އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ސަރުކާރުގެ ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށާއި، މިއީ ރަނގަޅު ނިންމުމެއްކަން ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ވެސް ގަބޫލު ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މިއީ އެހެން ސަރުކާރުތަކަށް އަޅަން ނުކެރުނު މުހިންމު ފިޔަވަޅެއް ކަމުގައެވެ.

