އއ. ތޮއްޑޫ ނެރަށް ވާދައަށް ލޯންޗުތަކެއް ވަންނަން އުޅުނު މައްސަލައެއް މެރިން ފުލުހުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ނަސްރު ސްޕީޑް، ރިލެކްސް ގޯލްޑް އަދި ރަމްޒު ކުއީން ލޯންޗު ތޮއްޑޫ ނެރަކަށް ވަނުމަށް ވަރަށް ބާރަށް ވަނީ ދުއްވައިފައެވެ.

އެ ވީޑިއޯ އާންމުކުރި މީހާ ބުނީ އެ ތި ލޯންޗަކީ ވެސް ބާރު ސްޕީޑުގައި ދަތުރުކުރާ ތިން ލޯންޗު ކަމަށެވެ.

އަދި ގަވާއިދާ ހިލާފަށް ބާރަށް ލޯންޗު ދުއްވާ މީހުންނަށް ފިޔަވަޅު އަޅައި، ލައިސަންސް ހިފަހައްޓަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު  ކޮށްފައިނުވާއިރު، މި މައްސަލަ ބަލަމުންދާ ކަމަށެވެ.

މިއީ މި މިދިޔަ އޯގަސްޓު މަހުގެ 13 ވަނަ ދުވަހު އ.އ އަތޮޅަށް ދަތުރު ކުރި ލޯންޗުތަކެއްކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.