އަވަށްޓެރި އިންޑިއާގައި ދިރިއުޅޭ ދިވެހީންނާ ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފިއެވެ.

ދިއްލީގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލު ކުރައްވާފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ލިބޭނެގޮތަކަށް، މިހާރަށްވުރެ ފުރިހަމަކުރަން މަސައްކަތްކުރައްވާނެ ކަމަށާއި ރާއްޖޭގެ ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން ރައީސް ވަނީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވައި މި ބައްދަލުކުރެއްވުމުގައި، ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ރައީސް ގެ ދެކަނބަލުން ހަނދާނީ ފޮޓޯއެއް ނަންގަވާފައިވެއެވެ.

ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރެއްވުމުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އިންޑިޔާ އަށް ކުރައްވާ ފުރަމާނަ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ދެމެދު ރަސްމީ މަޝްވަރާތައް މާދަމާގެ ވަގުތެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އަދި މި މަޝްވަރާތަކަށްފަހު ދެ ގައުމުން މުހިއްމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.