މާލެ ސިޓީ ކައުންސިލު ހިންގުމުގައި ދަތިވާ އެއްވެސް ކަމެއް ނެތް ކަމާށާއި، ސަރުކާރުން ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، އެމްޑީޕީން ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މޭޔަރ އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލު ހިންގުމަށްވެސް ދަތިވާ އެއްވެސް ކަމެއް ނެތްކަމަށެވެ.
އެގޮތުން އެ ކައުންސިލުގައި އެހީވުމަށް 15 ކޮންސަލްޓެންޓުން ނަގާފައިވާ ކަމާށާއި އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންކަންވެސް އާޒިމް ވިދާޅުވިއެވެ.
އަދި ކަންކަންކުރުމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭކަމަށާއި، އެންމެންނާއި ގުޅިގެން ކަންކަން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ރައްޔިތުންނާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިކަން ލިބޭކަމަށް ވެސް އާޒިމް ވިދަޅުވިއެވެ.

