ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 166 ފަރާތެއްގެ ނަން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.

އެ އޮތޯރިޓީން އާއްމު ކުރި ލިސްޓުގައި ވަނީ މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ.

އެގޮތުން ބައެއް ބޮޑެތި ރިސޯޓުތައް ހިންގާ ފަރާތްތަކާއި މަޝްހޫރު ގެސްޓްހައުސްތައް ހިންގާ ފަރާތްތައް އަދި ޓުއާ އޮޕަރޭޓަރުން ވެސް ލިސްޓުގައި ވަނީ ހިމެނިފައެވެ.

ލިސްޓުގައި ހިމެނޭ ނަންތަކަށް ބަލާއިރު ކިހާ މޯލްޑިވްސް ހިންގާ ކޮރަލް އައިލެންޑް ރިސޯޓްސް ކުންފުންޏާއި ސައުތު ޕާމް ރިސޯޓް ހިންގާ ކުންފުންޏާއި ވެލިދޫ އައިލެންޑް ރިސޯޓް ހިންގާ ކުންފުންޏާއި ސްޓޯން ހޮޓެލްސް ހިންގާ ކުންފުންޏާއި މިރިހި އައިލެންޑް ރިސޯޓު ހިންގާ ވިއެ މޯލްޑިވްސް ކުންފުންޏާއި ރަހާ ރިސޯޓް ހިންގާ ކުންފުންޏާއި ނަޒާކީ ހޮޓެލްސް އެންޑް ރިސޯޓްސް އާއި އެރިޔަދޫ ރިސޯޓް ހިންގާ ކުންފުންޏާއި ފިލިތެޔޮ ހިންގާ ތުރީއޭ ކުންފުނި އަދި ހޮނޑާފުށި ރިސޯޓް ހިންގާ ކުންފުނި ހިމެނެއެވެ.

ދާދި ފަހުން މީރާ އިން ވަނީ އިންކަމް ޓެކްސް ނުދައްކާ 43 ފަރާތެއްގެ ނަން ވެސް އާންމުކޮށްފައެވެ.