ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު, އިބްރާހިމް ޝިހާބު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އޭނާގެ ބަދަލުގައި އެ މަގާމަށް ހުށަހަޅުއްވައިފައި ވަނީ އާއިޝަތު އަޒީމާގެ ނަމެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސްއަށް ފޮނުވި ސިޓީ އިދާރީ މޭޒުން ހުށަހަޅާފައިވެއެވެ.
އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަނެ ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވެއެވެ.
މިދިޔަ ސަރުކާރުގެ ޗައިނާގެ ސަފީރުކަން ކުރައްވާފައިވާ އަޒީމާ މީގެ ކުރިން ވަނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ފަސްޓް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފައެވެ.
އަދި ފޮރިން މިނިސްޓަރީއާއި ފިނޭންސް މިނިސްޓްރީގައި ވެސް އަޒީމާ މަސައްކަތްކުރައްވާފައިވެއެވެ.

