އަޖުމަ ބެލުމުގެ ގޮތުން ބަނދެފައިވާ ސޯލާ ފެރީ މި އަހަރު ރާއްޖެ ގެނައުމަށް ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާާހިމް ވިދާޅުވީ އަޖުމަ ބެލުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި، ސޯލާ ފެރީއެއްގެ މަސައްކަތް ފަށައިގެން އެ އުޅަނދު ބަނދެ ނިމިފައިވާ ކަމަށެވެ.
އަދި މި އަހަރު ނިމޭއިރު އެ އުޅަނދު ރާއްޖެ ގެނެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާމު ތިބޭފުޅުންނަށް ވެސް ދައުވަތު އަރުވާނަން އެއަށް ވަޑައިގަންނަވަން.“ ތޯރިގު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އަޖުމަ ބެލުމުގެ ގޮތުން 100 ކިލޯ ވޮލްޓްގެ ވައިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތާއި، 25 ކިލޯ ވޮލްޓްގެ ކަނޑުގެ އޮއިވަރުން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމް ކުރުމާއި، 4 ރަށެއްގައި ސޯލާ އެސިސްޓަޑް ކޮމިއުނިޓީ އައިސް ޕްލާންޓް ބެހެއްޓުމަށްޓަކައި 2 ރަށެއްގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.

