ކޮމަންވެލްތުން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯޗެއާ އެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހިއްޖެއެވެ.
މިކަން އިއުލާންކޮށްފައިވަނީ ސަމޯއާގެ އަޕިއާގައި މިއަދު ބޭއްވުނު ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައެވެ.
ދެހާސް ސައްބީސް ވަނަ އަހަރު ބާއްވާ މި ބައްދަލުވުމުގައި ރާއްޖެއިން ކޯޗެއާކަން ކުރާނީ އެ އަހަރު ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ގައުމާ އެކުއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ ކޯޗެއާ އެއްގެ ގޮތުގައި ރާއްޖެއިން މަސައްކަތް ކުރާނީ ކުދި ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށެވެ.
އަދި ރާއްޖެއަށް މި ފުރުސަތު ލިބުމަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ކުދި ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް ބުންޏެވެ.
ސަމޯއާގައި މިމަހުގެ 22 އިން 26 އަށް ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު ޑރ.ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވަނީ ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއެކު ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ ތެރޭގައި ކުދި ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް އަދި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ.
އަދި ކުދި ގައުމުތަކަށް ބޭނުންވާ މާލީ އެހީ އިތުރުކުރުމަށް ބައިނަލްއަގްވާމީ މާލީ އޮނިގަނޑު އިސްލާހުކުރުުގެ މުހިއްމުކަން ފާހަގަކޮށް ކުދި ގައުމުތަކުގެ ދަރަނީގެ މައްސަލައަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.
ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތުގައި ހިމެނޭ 33 ކުދި ގައުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމަންވެލްތުގެ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ.
މި އަހަރުގެ މި ބައްދަލުވުުމުގެ ކޯޗެއާކަން ކޮށްފައިވަނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ކުރިއަށްދާ ސަމޯއާގެ އިތުރުން އެސްވާޓިނީއެވެ.

