މިވީ 11 މަސް ދުވަސް ތެރޭގައި 3000 ސިޔާސީ ވަޒީފާ އުފައްދާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވަނީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވައި، އެ ފިޔަވަޅުތައް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިރޭ އިޢުލާން ކުރެއްވުމާއި ގުޅިގެންނެވެ.

މިކަމަށް ފާޑު ކިޔުއްވައި ފައްޔާޒު ވިދާޅުވީ، ރައްޔިތުންނާއި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑުކޮށްފައި، ސިޔާސީ މަގާމުތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރަން ސަރުކާރުން ނިންމި ނިންމުމަކީ ދެބޯގެރިދުއްވުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް އެ އަދަދު 700 އަށް ކުޑަކޮށްފައި ނޫނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރާ ވާހަކަ ދެއްކުންވެސް ލަދުވެތި ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވާނީ ނިންމާފައި ކަމަށެވެ.

މިގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުމަށާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށާއި، ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ނިންމެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް ވަނީ، މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނިތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭކަން ފާހަގަކުރައްވައިފައެވެ.