ތުރުކީގެ އަންކާރާގެ އިމާރާތަކަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާނަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ތުރުކީގެ އަންކާރާގައި ހުންނަ އެގައުމުގެ އެއިރޯ ސްޕޭސް ކުންފުންޏެއްގެ މައި އިމާރާތަކަށް ދިން އެ ހަމަލާގައި ފަސް މީހަކު މަރުވި ކަމަށް ޚަބަރުތައް ބުނެއެވެ. އަދި 14 މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ރައީސް އޮފީހުން ރޭ ބުނީ ތުރުކީގެ ވެރިރަށް އަންކާރާގެ ކައިރީގައި ހުންނަ ޓާކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މައި މަރުކަޒަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންނަށް ރައީސް ތައުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ.

ތރުކީގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ، އެ ހަމަލާގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ ހަމަލާ ކުށްވެރިކުރައްވާފައި ކަމަށާއި އަދި ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ އެ މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ރައްޔިތުން ތިބީ ތުރުކީވިލާތުގެ އަހުންނާއި އުހުތުންނާ އެކުގައި ކަމުގެ ޔަގީންކަން ދެއްވަމުން ކަމަށެވެ.

މީޑިއާތަކަށް ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔެރްލީކަޔާ ވިދާޅުވީ އެ ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން މަރާލާފައިވާ ކަމަށެވެ. މިއީ އަންހެނަކާއި ފިރިހެނަކު ގުޅިގެން ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެއެވެ.