ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް ގޮވައިލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އޭނާ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ، ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ފަރާތްތަކުގެ މުސާރަ ކުޑަކުރަން ނިންމާފައިވާކަން ފާހަގަކޮށްފައެވެ.
އަދި ސަރުކާރުން އައްޔަންކުރައްވާފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު މިއަދާ ހަމައަށްވެސް ހާމަކޮށްފައިނުވާ ކަމަށް މީކާއީލް ވިދާޅުވިއެވެ.
އެހެން ކަމުން، ސިޔާސީ މަގާމުތަކަށް ރައީސް އައްޔަންކުރައްވާފައިވާ ބޭފުޅުންގެ އަދަދާއި އެ ބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު ހާމަކުރުމަށްވަނީ މައްސަލާގައި ގޮވާލާފައިވެއެވެ.
މި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ. އަދި އެ މައްސަލަ ބަލައިނުގަތުމަށް 59 މެންބަރުން ވޯޓް ދެއްވިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވާނީ ނިންމާފައި ކަމަށެވެ.
މިގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުމަށާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށާއި، ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ނިންމެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
އަދި އެމަނިކުފާނުގެ މުސާރައިން 50 ޕަސެންޓު އުނި ކުރުމަށް ނިންމެވިއެވެ.

