މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ހޭދަކުރަނީ މުޅި ސަރުކާރުގެ މުސާރައާއި އިނާޔަތަށް ހޭދަކުރާ މިންވަރުގެ ހަތަރު އިންސައްތަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅުއްވަމުންނެވެ.

ޒަމީރު ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މުސާރައަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދައިގެ ހަތަރު އިންސައްތަ ކަމަށާއި ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރަން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ.

”މި ގޮތުން، ދަތުރުފަތުރާއި ހަފުލާތައް ބޭއްވުން ފަދަ ކަންކަމަށް ކުރާ ޚަރަދުތައް ހިފެހެއްޓުމަށް ގިނަ ކޮންޓްރޯލްތަކެއްގެ ތެރެއިން މަސައްކަތްކުރަމުންދާއިރު މި ކަމުގެ ނަތީޖާ ދަނީ ފެންނަމުން،“ ޒަމީރު ވިދާޅުވިއެވެ.

ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރައިން އުނިކުރަން ސަރުކާރުން ނިންމެވީ ވެސް އެ ސަބަބަށްޓަކައި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މި ބަދަލު ގެނެސްފައިވަނީ ފިސްކަލް ދެމެހެއްޓެނިވިކަން އިއާދަކުރަން ކުރަމުންދާ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވެގެން ކަމަށާއި، ކުޑަ ނަމަވެސް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ އިތުރުވުމާ އެކު މި އަހަރުގެ ބަޖެޓުގެ ޖުމުލަ 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކުގެ ތެރޭގައި، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުމަށް ނިންމަވައިފައިވެއެވެ. އަދި 200 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ވެސް ނިންމެވިއެވެ.