ހަރަދު ކުޑަކޮށް، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެއްޓެވި މަސައްކަތްތަކަކީ، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ކަމުގައި ޕީޕަލްސް ނެޝަނަލް ފްރަންޓު(ޕީއެންއެފް)ގައި އުޅުއްވާ ކުރީގެ ނައިބު ރައީީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ސިފަ ކުރައްވައިފިއެވެ.
ރައީީސް މުއިއްޒުގެ ސަރުކާރުން ހަރަދު ކުޑަ ކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ފާޑުވިދާޅުވެ، ޖަމީލު އެކްސްގައި ޕޯސްޓެއް ުކުރައްވައި، ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ނިޒާމުން ބޭރުން ކޮންމެ މަހަކު 25 މިލިއަންވަރު ނަންގަވަމުން ދާކަމަށް ކުރެވޭ ތުހުމަތަށް ހައްލު ހޯދަންޖެހޭ ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ތުރުކީން ގަތް ޑްރޯންތަކަކީވެސް ކިކްބެކްގެ ގޮތުގައި ފައިސާ ހޯދުމަށް ކުރެއްވި ކަމެއް ކަމަށް ތުހުމަތު ކުރެވޭކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރު ކުންފުނިތައް އަދިވެސް ވަޒީފާތަކުން ބަރާކުރަމުންދާކަމާއި އެމްބަސީތަކުގައި ބޭކާރު ވަޒީފާތައް މުސާރައިގައި އެއްވެސް މަސައްކަތެއްނުކޮށް ތިބުމަށް މީހުން ނަގާ ކަމަށެވެ.
ހަރަދު ކުޑަކުރެއްވުމަށް ކަންކަން އިއުލާން ކުރައްވަނީ މިކަންކަން އޮއްބާލެއްވުމަށް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
”ކަމެއް ކުރަންޏާ ރޯމާދުވާލު ކުންފުނިތަކުންނާއި ސަރުކާރުގެ ތެރެއިން ކުރަމުންދާ ކޮރަޕްޝަނާއި ވައްކަން ހުއްޓުވާ! އެމްޕީއެލް، އެޗްޑީސީ، ގޭސް ކުންފުނި، ފެނަކަ، މިއީ މިއަދު ރައްޔިތުންނަށް މުސީބާތައްވެފައިވާތަންތަން! މަނިކުފާނު އެތަންތަން ލޫޓްވަމުންދާކަމަށް ރަށުތެރޭ ވާހަކައޮތީ!“ އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވާނީ ނިންމަވައިފައި ކަމަށެވެ.
މިގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުމަށާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށާއި، ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ނިންމެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
އަދި އެމަނިކުފާނުގެ މުސާރައިން 50 ޕަސެންޓު އުނި ކުރުމަށް ވެސް ނިންމެވައި، އެކަން އިއުލާނު ކުރެއްވިއެވެ.
މިކަމާ ގުޅިގެން ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ އެ ނިންމެވުމަކީ ހަރުދަނާ އަދި އެހާމެ ހިތްވަރުގަދަ ނިންމެވުމެއް ކަމަށާއި ފާއިތުވެދިޔަ ދެތިން އަހަރު ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެ، އެކަމުގެ ސަބަބުން ލިބޭ އާމްދަނީ އާއި ކުރާ ހޭދައިގެ ފަރަގު ބޮޑުވަމުންދިޔަ އިރު، އެކަން އިސްލާހުކުރުމަށްޓަކައި ހަރަދުތައް ކޮންޓްރޯލުކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކާއި ރާއްޖޭގެ ކްރެޓިން ރޭޓިން އެޖެންސީތަކުން ދެމުންދިޔަ ލަފައަށް އޭރުގެ ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށެވެ.

