ވެރިކަން ކުރާ މައި ޕާޓީ، ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ދައުލަތުގެ މުއައްސްސާތަކަށް ނުފޫޒު ފޯރުވާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

ޕީއެންސީ އަށް 65000 މެމްބަރުން ހަމަވެފައިވާއިރު، އެ ޕާޓީގެ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 75000 ‏މެމްބަރުން ހަމަ ކުރުމެވެ.

އިއްޔެ އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ޕީއެންސީއަށް މީހުން ސޮއި ކުރަމުންދަނީ ވަޒީފާގެ ބިރު ދައްކާތީ ކަމަށެވެ.

ބަޔާނުގައި ބުނީ ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުން ދިއުން ކުށްވެރި ކުރާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ދައުލަތުގެ މުދަލާއި ވަސީލަތްތަކަށް ނުފޫޒު ފޯރުވައި ޕީއެންސީއަށް މެމްބަރުން އިތުރު ކުުރުމުގެ މަސައްކަތްތައް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ކުރަމުންދާތީ ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

”މީގެކުރިން އުފެދުނު ޕީޕީއެމްގެ ސަރުކާރެކޭ އެއްގޮތަށް މިވަގުތު އޮތް ޕީއެންސީގެ ސަރުކާރުން ވެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ވަޒީފާއަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ޝަކުވާތައް މި ޕާޓީއަށް ދަނީ ލިބެމުންނެވެ. އެއްވެސް މީހަކަށް ވަޒީފާގެ ބިރު ދައްކައި ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.“ އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ ޕާޓީއަށް މީހުން ވެއްދުމަށް ފޯމު ފުރުމުގެ މަސައްކަތް ސަރުކާރުގެ އިމާރާތްތަކުގައި އަދި މަސައްކަތުގެ ރަސްމީ ގަޑިތަކުގައި ކުރަމުން ގެންދާތީ އާއި މުވައްޒަފުން ބޭނުންކޮށްގެން ކުރުވަމުން ގެންދާތީ ބައެއް ތަންތަނުގައި މަސައްކަތަށް ދަތިވަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.