މާދަމާއިން ފެށިގެން އާސަންދަ ލިބޭނީ ޕްރައިވެޓް އިންޝުއަރެންސް އޮތް ނަމަ، އެ އިންޝުއަރެންސްގެ ލިމިޓް ހަވަމުން ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
އެންސްޕާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ހިދުމަތް ހޯދާ މީހުންގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހޯދާ ހިދުމަތްތަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދިނުން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަގްސަދަކީ އާސަންދައިން ކުރެވޭ ހޭދަ ކުޑަކޮށް އިސްރާފުގެ ބައި ކުޑަކުރުން ކަމަށް އެންސްޕާ އިން ބުނެއެވެ.
އާސަންދައިން ބޭސްފަރުވާއަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުންދިޔުމަކީ ކަމާބެހޭ ފަރާތްތަކުގެ ކަންބޮޑުވުމެކެވެ.
އަދި މިހާރުގެ ނިޒާމުގެ ސަބަބުން އެންމެ ބޭނުންޖެހޭ ފަރާތްތަކަށް އާސަންދަ އެންމެ އެކަށީގެންވާގޮތުގައި ނުލިބޭކަމުގެ ކަންބޮޑުވުންވެސް އާސަންދައިން ފާހަގަކޮށްފައިވެއެވެ.
އެންސްޕާއިން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ ސިއްހީ ހިދުމަތް އާސަންދަ ސްކީމް މެދުވެރިކޮށް ހޯދުމަށްފަހު އެކަމުގެ ރަސީދު ހޯދުމަށެވެ.
އަދި ކަނޑައެޅިގެން އުސޫލާ ހިލާފަށް ހިދުމަތްދޭ ފަރާތެއް ފާހަގަކުރެވިއްޖެނަމަ އެކަން ”ޝިކާވަތި“ މެދުވެރިކޮށް ރިޕޯޓުކުރުމަށްވެސް އެންސްޕާ އިން އެދިފައިވެއެވެ.
މި ބަދަލަކީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ތަންފީޒުކުރާނެ ބަދަލެކެވެ.
މިގޮތުން ”އައުޓް ޕޭޝަންޓް“ އަދި ”އިން ޕޭޝަންޓް“ ގެ ހިދުމަތްތަކަށް ވަކިން މިފިޔަވަޅުތައް އަޅަމުންދާނެކަމަށް އެންސްޕާއިން ބުނެފައިވެއެވެ.

