އިންޝުއަރެންސް ނުލިބިގެން، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

އާސަންދައިގެ އިސްރާފު ކުޑަކޮށް، އެ ސްކީމް ރިފޯމް ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން އައުޓް ޕޭޝަންޓްގެ ހިދުމަތްތަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރެންސް އަށް އިސްކަންދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އެކަމާއި ގުޅިގެން ބައެއް ފަރާތްތަކަށް ދޮގު މައުލޫމާތު ފަތުރަމުންދާތީ އެންސްޕާއިން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވަނީ އެއްވެސް ފަރާތަކަށް ޕްރައިވެޓް އިންޝުއަރެންސްގެ ކަވަރޭޖް ނުވަތަ ހިދުމަތް ނުލިބޭ ހާލަތެއްގައިނަމަ އެ ފަރާތަކަށް އާސަންދަ ސްކީމުން މިހާރު ވެސް ހިދުމަތް ލިބެމުންދާގޮތަށް ބޭސްފަރުވާގެ ހިދުމްތައް ލިބިގެންދާނެ ކަމަށެވެ.

އަދި އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޕޭމަންޓް ހުއްޓާލުމުގެ ސަބަބުން ކަމުގައި ވިޔަސް އަމިއްލަ އިންޝުއަރެންސް ޕޮލިސީއިން ކަވަރޭޖް ނުލިބި އަމިއްލަ ޖީބުން ފައިސާދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދައިގެ ކަވަރޭޖް ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެ ކަމަށް އެންސްޕާގެ ބަޔާނުގައިވެއެވެ.

މިފަދަ ދަނޑިވަޅެއްގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ފަރާތްތަކުން ދޮގު މައުލޫމާތު ހާމަކުރަމުންދާތީ އެންސްޕާއިން ވަނީ ކަންބޮޑުވުންފާޅުކޮށް، ކަމާއި ގުޅުންހުރި ސައްހަ މައުލޫމާތު ސާފު ކުރުމަށް އިލްތިމާސްކޮށްފައެވެ.

އެންސްޕާގެ ބަޔާނުގައި ވަނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުން ނަމަ، އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ހޮޓްލައިން 14:00 އަށް ގުޅުމަށެވެ.