ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަކީ ރާއްޖޭގެ ދަރިވަރުންގެ އިތުރުން ރާއްޖޭން ބޭރުންވެސް ދަރިވަރުންވެސް ތައުލީމް ހާސިލު ކުރުމަށް އަންނާނެ ޔުނިވާސިޓީއަކަށް ހެއްދެވުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ”މަޙްފަލުލް ޤުރްއާނިލް ކަރީމް 1446″ ގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ފައްކަވަމުން ވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރަކީ އިސްލާމީ ޔުނިވާސިޓީއަށް ފާގަތި އަހަރަކަށްވެގެންދާނެކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ޔުނިވާސިޓީއާއި ގުޅޭ ވަރަށް ރަނގަޅު ތަޞައްވުރެއް އެކުލަވާލެވިފައިވާކަމަށާއި މި ތަސައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ރައީސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށާއި، 2025 ވަނަ އަހަރު މިކަމުގައި ޢަމަލީ ސިފަތައް ޖެހޭތަން ފެންނާނެކަމުގެ އުފާވެރި ޚަބަރު ދެއްވާކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރެެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށާއި، އެކަމަށްޓަކައި އިސްލާމީ ޔުނިވާސިޓީގެ އެންމެހާ ވެރިންނަށް ޝުކުރު ދަންނަވާކަމަށެވެ.
މީގެ އިތުރުން އިސްލާމީ ޢިލްމު ފެތުރެއްވުމަށް އިސްލާމީ ޔުނިވާސިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ދޭން ޖެހޭ ފުރިހަމަަ އެއްބާރުލެއްވުމާއި އެހީތެރިކަން އަބަދުވެސް ދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

