ނަސްރުގެ ދުވަހަކީ ނަފްސަށްވުރެ ގައުމު އިސްކުރުމުގެ އަޒުމް އާ ކުރަންވީ ދުވަސް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ މިއަދަކީ ރައީސް އަދި ސިފައިންގޭގެ އެންމެ މަތީ އިސްވެރިޔާ ޑރ.މުހައްމަދު މުއިއްޒު ގެނެސްދެއްވާ ޒަމާނީ ވަސީލަތްތައް ގައުމުގެ ދިފާއަށް އަތުރާލުމަށް ވިލަރެސް ކުރަންވީ ދުވަސްކަމަށެވެ.
އޭގެ އިތުރުން ގައުމަށް ވަފާތެރި، ރައްޔިތުންނަށް އިހުލާސްތެރި، އަމުރަށް ކިޔަމަންތެރި އަދި ހަރަކާތްތެރިވުމުގައި ހުޝިޔާރު، ކެރޭ، ހީވާގި އަދި ގާބިލް ދިވެހި މިނިވަންކަން ދިފާއުކުރާނެ ލަޝްކަރެއް އޮތްކަން މިއަދު ދުނިޔެއަށް ދައްކަން ޖެހޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”މިއަދަކީ ނަފްސަށްވުރެ ގައުމު އިސްކުރުމުގެ އަޒުމު އައު ކުރަންވީ ދުވަސް“ޣައްސާން ވިދާޅުވިއެވެ.
މިނިސްޓަރު ޣައްސާންގެ ވާހަކައިގައި ދިވެހި ގައުމު ހިމާޔަތްކުރުމަށް ދިވެހި އަސްކަރިއްޔާ ތިބިކަން ފާހަގަކުރައްވައި، އަސްކަރިއްޔާގެ ގާބިލުކަން އިތުރުކޮށްދެއްވުމަށް ރެޔާއި ދުވާލު ކެނޑިނޭޅި ރައީސް ކޮށްދެއްވާ ބުރަ މަސައްކަތްޕުޅު ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި މިނިސްޓަރު ޣައްސާން ވަނީ ރައީސް މުއިއްޒު އަށް ޝުކުރު ވެސް ދަންނަވާފައެވެ.

