ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފު ކުޅުދުއްފުށި ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ”ހަށިހެޔޮ ރާއްޖެ“ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

”ހަށިހެޔޮ ރާއްޖެ“ ޕްރޮގުރާމަށް ލީޑާރސް ތަމްރީނުކުރުމަށްޓަކާ ހަ ޒޯނަކަށް ބަހާލައިގެން، ”ލީޑިން ލީޑަރސް“ގެ ނަމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، މިހިނގާ ނޮވެންބަރ މަހުގެ 4 ވަނަދުވަހު ވަނީ ޕްރޮގުރާމެއް ފަށްޓަވާފައެވެ.

މީހުން ބިނާކުރުމާއި ތަމްރީނުކުރުމަކީ ގައުމުގެ ކުރިމަގު އުޖާލާކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތެކެވެ.

މިގޮތުން މިއަދު މި އިފްތިތާހުކުރި ޕްރޮގްރާމަކީވެސް މި ސަރުކާރުގެ ހަފުތާ 14ގެ ވަޢުދުތަކުގައި ހިމެނޭ، މޮޅެތި އެތުލީޓުން އުފެއްދުމާބެހޭ ދިގު ރާސްތާގެ ޕްރޮގްރާމް ފަރުމާކުރުމުގެ ސިޔާސަތުގެ ތެރެއިން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ކުރިއަށް ގެންދަވާ ހަރަކާތެކެވެ.