މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ އާއިލާތަކަކަށް ގެދޮރުގެ ތަނަވަސްކަން ފަހިކޮށް ދޭން ސަރުކާރުން ”ހިޔާވަހި ފައިނޭންސް ސްކީމް“ މިއަދު އިފުތިތާހުކޮށްފިއެވެ.
މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ސްކީމް އިފުތިތާހުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ސްކީމް އިފްތިތާހު ކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
މިއީ ގިނަ ބަޔަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކުން އަރައި ގަތުމަށް މަގުފަހިކޮށް ދޭނެ ސްކީމެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި ސްކީމަށް ހުށަހެޅޭނީ އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހި ކަމެއް ނެތް މީހުންނަށް ކަމަށެވެ.
މި ސްކީމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވީ، މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ގެދޮރުނޭޅި ފަޅަށްހުރި ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމަށް ފަސް ޕަސަންޓްގެ ސާވިސް ޗާޖެއްގައި ފައިސާ ދޫކުރުމަށް އެކުލަވާލާފައިވާ ސްކީމެއް ކަމަށެވެ.
”މި ސްކީމްގައި ހިމެނޭ ވަސީލަތްތަކުގެ އެހީގައި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ ވަރަށްގިނަ އާއިލާތަކަކަށް ގެ ދޮރުގެ ތަނަވަސްކަން ލިބިގެން ދާނެ ކަމަށް ގަބޫލުކުރަން.“ މިނިސްޓަރު ވިދާޅުވިއެވެ.
ހިޔާވެހި ރަށްވެހި ވަސީލަތަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް ޝަރީއާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށްޓަކައި ”ނޮމިނަލް ކޮންޓްރިބިޔުޝަން“ އެއް ދައްކަން ޖެހޭނެއެވެ.
”ހިޔާވަހި ފައިނޭންސް ސްކީމް“ ގައި ހިމެނޭ ވަސީލަތްތަކަށް ޝަރުޠު ހަމަވަ ފަރާތްތަކަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެއެވެ.

