ދިވެހި ރައްޔިތުންގެ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ރައްޔިތުންނަށް ބޮޑުވެފައިވާ މައްސަލަތަކަށް އިސްކަންދީގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ”ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް“ އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުންކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން ރައީސް ވަނީ، މިއީ މިއަދު ފަށާފައި އަންނަ އަހަރު ހުއްޓާލަން ފެށި ސްކީމެއް ނޫންކަމުގެ ޔަގީންކަންދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދު މި ފެށިގެންދަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ ޕްރޮގްރާމްކަމަށެވެ.

އެމަނިކުފާނުގެ ވައުދުފުޅާއި، ދިވެހީންގެރާއްޖެ މެނިފެސްޓޯގައިވެސް ހިމަނުއްވާފައިވާ ފަދައިން ފަސް އިންސައްތަ އަށްވުރެ އިންޓްރަސްޓް އިތުރުނުވާނޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކު ކަމުގައިވިޔަސް، އެމީހެއްގެ އަމިއްލަ ގޯތި، އުޅެވޭ ވަރުގެ ހިޔާވައްސަކަށް ހެދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

2025 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބަޖެޓުގައި މި ސްކީމަށް އެކަށައަޅާފައިވާ އެއް ބިލިޔަން ރުފިޔާ، ހިމަނުއްވާފައިވާނޭ ކަމަށާއި، އަދި ކުރިއަށްއޮތް ހަތަރު އަހަރުގެ ބަޖެޓުގައިވެސް މި މަސައްކަތަށް އެ ޢަދަދު ހިމަނުއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ނަތީޖާއެއްގެ ގޮތުން، ކޮންމެ އަހަރަކު، އެއް ބިލިޔަން ރުފިޔާ ބޭނުންކޮށްގެން ދެ ބިލިޔަން ރުފިޔާގެ ލޯނު ދޫކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ، ގޯތި އޮވެ، ގެ އެޅޭނޭ ގޮތް ނެތް މީހުންނާއި، ގެ އަޅަން ފެށުމަށްފަހު މަސައްކަތް ހުއްޓާލަން ޖެހިފައިވާ މީހުންނާއި، ޢިމާރާތް ބާވެ މަރާމާތުކުރަން ބޭނުންވެފައިތިބި މީހުންގެ ތަކުލީފުތަކަށް ލުޔެއް ހޯއްދަވައިދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.