އަލްމަދްރަސަލުތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އައު އިމާރާތުގެ މަޝްރޫއު ފަސް ކުރީ ރައްޔިތުންގެ ފައިސާ އިން 80 މިލިއަން ރުފިޔާ ސަލާމަތް ކުރުމުގެ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ކުރީގެ ކޮންޓްރެކްޓަަކީ އަމީން ކޮންސްޓްރަކްޝަނެވެ. ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން އެ ސްކޫލް އިމާރާތް ކުރަން އެ ކުންފުންޏާ ހަވާލުކުރީ ކުރީގެ ސަރުކާރުގައި ސެޕްޓެމްބަރު 29، 2022 ގައެވެ. އެ މަސައްކަތް އޭރު އެ ކުންފުންޏާއި ހަވާލުކުރީ 168.5 މިލިއަން ރުފިޔާއަށެވެ.

ރައްޔިތުންގެ މަޖިލީހުގައި، އެ މަޝްރޫއުއާ ގުޅޭގޮތުން މެމްބަރަކު ސުވާލު ކުރެއްވުމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އަރަބިއްޔާގެ އައު އިމާރާތަށް، މާލޭގެ ވަރަށް ޕްރައިމް ލޮކޭޝަނަކުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ބިން ހަމަޖައްސަވައިދެއްވައިފައިވާ ކަމުގައެވެ. ނަމަވެސް އެ މަޝްރޫއުގެ ސްކޯޕަށް ގެނެސްފައިވާ ބަދަލާއެކު، މަސައްކަތް ކުރިން ހަވާލު ކުރި ކޮންޓްރެކްޓަރު، ހުށަހެޅި އަގު ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

 

”އަޅުގަނޑުމެން އެ ޕްލޭން ކުރި ގޮތަށް މަސައްކަތް ކުރެވުނީސް، ރައްޔިތުންގެ ފައިސާ އިން، އަގުބޮޑުކޮށް، 80 މިލިއަން ރުފިޔާއަށް އަޅުގަނޑުމެން އެކަން ކުރިއަށް ގެންދިޔަ ނަމަ. އެހެންނަމަވެސް، ރައްޔިތުންގެ ފައިސާ އަކީ އަގުބޮޑު އެއްޗެއް، އަރަބިއްޔާ މިހާރު ވެސް ކިޔަވަމުންދަނީ، ދަރުމަވަންތަ ދަރިވަރުން އެތައް އަހަރެއްވަންދެން ކިޔެވި ިއިމާރާތުގަ، ހިއުމަންރައިޓްސްގެ ގޮތުން ވެސް، އެޑިއުކޭޝަންގެ ގޮތުން ވެސް، އަދި އެ ނޫން ގޮތަކަށް ވެސް، އަރަބިއްޔާގެ ދަރިވަރުންނަށް ގެއްލޭ މާބޮޑު ކަމެއް ނެތް.“ މިނިސްޓަރު ވިދާޅުވިއެވެ.

އަރަބިއްޔާގެ އައު އިމާރާތުގެ މަޝްރޫއު ލަސްވަމުންދާ ސަބަބާ ގުޅޭގޮތުން އެ ސްކޫލްގެ އިސް ބެލެނިވެރިންނަށާއި، ޕީޓީއޭގެ ބޭފުޅުންނާ ވެސް މައުލޫމާތު ހިއްސާ ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އެހެންވީމަ، އެބޭފުޅުން ހިތްހަމަޖެހުމާއެކު އެ ތިއްބެވީ.“ މިނިސްޓަރު ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލްގެ މަޝްރޫއު އެހެން ބަޔަކާ ހަވާލު ކުރެވޭނެ ތާރީހެއް މިނިސްޓަރު މިއަދު ހާމަކުރައްވައިފައެއް ނުވެއެވެ.

އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް އަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ. ކުރީގެ ކުނިކޮށި ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް މި ސަރުކާރުން ވަނީ ނިންމަވައިފައެވެ.