މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޔޫސުފް(ކުވާ މޮހޮދޭ) މިއަދު އަވަހާރަވެއްޖެއެވެ.
މުހައްމަދު ޔޫސުފް އަވަހާރަވީ މެންދުރުގެ ވަގުތެއްގައެވެނ އަދި ޖަނާޒާ އޮންނަނީ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.
މުހައްމަދު ޔޫސުފަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު މަރްޔަމް މާރިޔާގެ ބައްޕައެވެ.
އޭނާ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އޭނާ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައެވެ.
މުހައްމަދު ޔޫސުފަކީ ވިޔަފާރީގެ ދާއިރާއިން ބޮޑެތި ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ، ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިޙްސާންތެރިއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
”ގިނަ ބަޔަކު ދަންނަ ރަޙްމަތްތެރި ސާދާ މިޒާޖެއްގެ ވެރިއެކެވެ. ހިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެކެވެ.“ ރައީސް ވިދާޅުވިއެވެ.
މުހައްމަދު ޔޫސުފް ވިޔަފާރިވެރިއެއްގެ ގޮތުގައި މަޝްހޫރުވީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ.

