ޓީޗަރުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވައިފިއެވެ.
އެކަމަށްޓަކައި މިއަދު ހެނދުނު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއީ ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ މާލީ އެހީއާއެކު މިނިސްޓްރީގައި ގާއިމުކުރެވިފައިވާ ”ތައުލީމަށް އިންގުލާބީ ބަދަލު (ތައިބަ)“ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމްގައި މިއަހަރު ބައިވެރިވި 135 ދަރިވަރުންނަށް، ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ޕްރޮގްރާމް ފަރުމާކުރެވުފައިވަނީ ގްރޭޑް 11 ގައި އޭލެވެލްއަށް ކިޔަވަންފަށާ ދަރިވަރުންގެ ތެރެއިން މުދައްރިސަކަށްވުމަށް ޝައުގުވެރިވާ ދަރިވަރުން އޭލެވެލްގެ ކިޔެވުމާއެކު، ޓީޗިންގ ފައުންޑޭޝަން ނިންމުމަށް ފަހު ޓީޗިންގ ޑިގްރީ ޕްރޮގްރާމް ފަށާގޮތަށް ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ، މުދައްރިސުން ލިބުން ދަތިވާ މާއްދާތަކރަށްތައް ފާހަގަކޮށްގެންނެވެ.

