ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ.

މިއަދު ހުޅުއްވައިދެއްވި ފިއުލް ފާމްގެ ސަބަބުން ފިއުލް ރައްކާކުރެވޭ ކެޕޭސިޓީ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރުވެގެންދާނެއެވެ.

މިއީ އެއަރޕޯޓުގައި ތެޔޮ ރައްކާކުރުމުގެ ގާބިލުކަން ތިން ގުނަ އިތުރުކޮށްދޭނެ މަޝްރޫއުއެކެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް )އެމް.އޭ.ސީ.އެލް( އިން މި މަޝްރޫއު ފުރިހަމަ ކުރެއްވީ ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީ އާއިއެކުއެވެ.

މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމަކީ 8.4 ކިލޯމީޓަރުގެ ދިގުމިނުގެ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ޤާއިމުކުރުމެވެ. މިއީ ތެޔޮ ރައްކާކުރާ ތަނުން ފެށިގެން މަތިންދާ ބޯޓުތައް ޕާކުކުރާ ސަރަޙައްދާ ހަމައަށް ބިމުގެ އަޑީގައި ޤާއިމުކޮށްފައިވާ ވިއުގައެކެވެ. މީގެ ކުރިން ބޯޓުތަކަށް ތެޔޮ އެޅުމަށް މުޅިންވެސް ބޭނުންކުރަމުން އައީ ރިފިއުލަރއެވެ.

އެހެންނަމަވެސް މިއަދު ހުޅުއްވައިދެއްވި ނިޒާމުގެ ސަބަބުން އެއަރ ސައިޓުގައި އުޅަދުތަކުގެ ހަރަކާތްތައް މަދުވެ ސަލާމަތާ ރައްކާތެރިކަން އިތުރުވެ ތެޔޮއެޅުމަށް ހޭދަވާ ވަގުތުވެސް މަދުވެގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން އަވަސް އަދި ރައްކާތެރިކޮށް މަތިންދާބޯޓުތަކަށް ތެޔޮ އެޅުމުގެ ޚިދުމަތް، މި ނިޒާމުގެ ސަބަބުން ފަހިވެގެންދާނެއެވެ.

މިއަދު އިފުތިތާހުކޮށްދެއްވި އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު ރައީސްބވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެކުލަވާލައްވާފައިވާ މާސްޓަރ ޕްލޭންގައިވާގޮތަށް އޮޕްރޭޝަންސް ފުޅާކޮށް ސަރަޙައްދީ އަދި ބައިނަލްއަގްވާމީ ގޮތުން، މަތީ ފަންތީގައި ގުނާލެވޭ އެއާޕޯޓަކަށް މި އެއާޕޯޓް ހެދުމަށްކުރާ ދަތުރު އިތުރަށް ހަލުވިވެގެންދާނެއެވެ. އަދި އޭގެ މަންފާއާ ހެޔޮ އަސަރު ދިވެހި ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާނެއެވެ.

އައު ފިއުލް ފާމް ހުޅުއްވައިދެއްވުމަށްފަހު ރައީސްބވަނީ އެތަން ބައްލަވާލައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.