ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފަޔާ އިރުޝާދާއެކު ކުރިއަށް އޮތް ތިންއަހަރުގެ ތެރޭގައި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ އަމާޒަކީ ރައީސްގެ އިރުޝާދާއެކު ސަރުކާރުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުން ކަމަށެވެ.
އަދި މަސްވެރި ސިނާއަތުގައި މިހާތަނަށް އޮތް ވަގުތީ ހައްލު ހޯދުމުގެ ސަގާފަތް ނައްތާލައި، ދާއިމީ ހައްލު ހޯދައިދިނުމުގެ ތަސައްވުރެއް ރައީސް ގެންގުޅުއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނުގެ ވެރިކަމާއި ހަވާލުވެވަޑަައިގަތުމާއެކު މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތްޕުޅު ފެއްޓެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

