ރާއްޖޭގައި މިހާރު ކުރިއަށްދާ ބޮޑީބިލްޑިން މުބާރާތް ބާއްވަން ނިންމީ، ގިނަ ގައުމުތަކާ ވާދަކޮށް، އެއްބަސްވުން އެކުލަވައިލި ފަހުން އެ މުބާރަތް ކެންސަލް ކޮށްފިނަމަ، މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރާއްޖެ އަށް ލިބިދާނެ ގެއްލުންތަކަށް ވިސްނުމަށްފަހުގައި ކަމަށާއި، މުބާރާތުގައި ފެނުނު މަންޒަރުތަކާ ގުޅިގެން މާފަށް އެދޭ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ބުނެފިއެވެ.
ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަނާއި ބީބީއޭއެމް ގުޅިގެން ބާއްވާ މި މުބާރާތުގައި އެކި ގައުމުތަކުން އަންހެނުންނާއި ފިރިހެނުން ބައިވެރިވެއެވެ.
15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗު ކުރީ މިދިޔަ މަހުގެ ހަތެއްގައެވެ.
މި މުބާރަތަކީ މީގެ ތިންމަސްކުރިން ބޭއްވުމަށް އިއުލާނު ކުރި މުބާރާތެކެވެ.
މުބާރާތުގައި އައުރަ ނިވާނުވާ ގޮތަށް ދެ ޖިންސުގެ މީހުން ތިބި މަންޒަރު އާއްމުވެ، ގިނަ ބައެއްގެ ނުރުހުން އަމާޒުވުމުން، ބީބީއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، މި މުބާރާތް ކުރިއަށް ގެންދިޔުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރާއި ސްޕޯޓްސް މިނިސްޓްރީން އިރުޝާދު ދީފައިވާ ގޮތަށް ކުރިއަށް ގެންދަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މި މުބާރާތާ ގުޅިގެން ފެތުރެމުންދާ ހަބަރުތަކާއި ގުޅިގެން އާންމުން ރައްޔިތުންގެ ކަންބޮޑުވުން ހުރުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް ބުނެފައިވެއެވެ.
އެ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި 15 ވަނަ ވޯލްޑް ބޮޑީ ބިލްޑިން އެންޑް ފިޒީކް ވޯލްޑް ޗެމްޕިއަންޝިޕް ހޮސްޓު ކުރަން މަސައްކަތް ކުރީ، ރާއްޖޭގެ ޕްރޮފައިލް ބައިނަލްއަޤްވާމީ ކުޅިވަރުގެ ދުނިޔޭގައި ވަރުގަދަ ކުރުމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ފަތުރުވެރިކަމަށް ލިބޭނެ ކުރިއެރުމަށް ވިސްނައިގެން ކަމަށް ވެސް ބަޔާނުގައިވެއެވެ.
”މި އަހަރު މި ބޭއްވުނު މުބާރާތަކީ ވަރަށް ދުރާލާ މަސައްކަތްކޮށްގެން، އެހެން ޤައުމުތަކާ ވާދަކޮށް، ރާއްޖޭގައި ހޮސްޓު ކުރުމަށް ލިބުނު ފުރުޞަތެކެވެ.“ ބީބީއޭއެމްގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ވަނީ، ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަން އާއިއެކު، އެ މުބާރާތް ބޭއްވުމަށް އެއްބަސްވުން ހަދައި، ފަހުން ކެންސަލް ކޮށްފިނަމަ، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށާއި، ޖުމްލަކޮށް ރާއްޖެއަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބިދާނެ ގެއްލުންތަކަށް ބެލުމަށްފަހު މުބާރާތް ބާއްވަން ނިންމީ ކަމުގައެވެ.
މުބާރާާތް ބޭއްވިފައި ވަނީ އާއްމުން ދިރިނޫޅޭ، އަދި ފަތުރުވެރިންގެ ވައްޓަފާޅި އާއި އެއްގޮތަށް އުޅެވޭ ގޮތަށް ރިސޯޓެއްގެ ގޮތަށް ހިންގުމަށް ހުއްދަ ލިބިފައިވާ ކެނެރީފް ރިސޯޓް މޯލްޑިވްސްގައިކަން ބީބީއޭއެމް އިން ވަނީ ފާހަގަކޮށްފައެވެ.

